news photo

މާމެންދޫ އައު ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފް އުމަރު ފައްޓަވައިދެއްވައިފި

21 އޮކްޓޯބަރު 2025

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް މަޝްރޫޢުގެ ދަށުން ލ. މާމެންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ ޢަމަލީ މަސައްކަތް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.

އެ މަސައްކަތް މިނިސްޓަރ ޝަރީފް މިއަދު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި އަތޮޅު ތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މާމެންދޫގެ ކައުންސިލު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވާފައިވާއިރު، މިހާރުވެސް 20 ރަށެއްގައި ކައުންސިލްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. ގިނަ ރަށްތަކުގެ ކައުންސިލު ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާ އިރު، ބައެއް ރަށްތަކުގެ ކައުންސިލް އިމާރާތްތަކުގެ ފައުންޑޭޝަން ވަނީ އަޅާފައެވެ.

އައު ކައުންސިލުތައް އެޅުމުގެ މަޝްރޫޢަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.