news photo

ލ. ގަމުގައި ޕަބްލިކް ވޯކްސް ޔުނިޓެއް ވަރަށް އަވަހަށް ގާއިމް ކުރެވިގެންދާނެ: ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

22 އޮކްޓޯބަރު 2025

ހައްދުންމަތީ ގަމުގައި ޕަބްލިކް ވޯކްސް ޔުނިޓެއް ވަރަށް އަވަހަށް ގާއިމް ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު މަގުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ އިތުރުން އެ ތަންތަނުގެ މެއިންޓަނަންސް މަސައްކަތަކީ މުހިންމު ކަމެއް ކަމަށެވެ. ރަށުން ބޭރުގެ ޕަބްލިކް ވޯކްސް ޔުނިޓަކުން ތަކެތި ގެނެސްގެން މަސައްކަތްކުރާ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

''މި ރަށުގައި (ލ.ގަމުގައި) ޕަބްލިކް ވޯކްސް ޔުނިޓެއް އަޅުގަނޑުމެން ގާއިމުކޮށްދޭނަން'' އެ މަނިކުފާނު ވިދާޅުވިއެވެ. ގަމުގައި ޕަބްލިކް ވޯކްސް ޔުނިޓް ގާއިމުކުރުމަށް ޓަކައި ބޭނުންވާ ބަޖެޓު ހަމަޖައްސާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަކެތި ހޯދުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަޢްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

''ތަކެތި އަންނަން ނަގާނެ ދޮޅުމަހެއް ދެ މަހެއްހާ ދުވަސް... އަމާޒަކީ މި އަހަރު ނިމެންވާ އިރަށް ތަކެތި ގެނައުން'' އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަޢްމަދު މުޢިއްޒު ވިދާޅުވީ ގަމުގެ ޕަބްލިކް ވޯކްސްއަށް ބޭނުންވާ މެޝިނަރީޒާއި، ޕަބްލިކް ވޯކްސް ޔުނިޓުގެ މެޝިނަރީޒް ވަރަށް އަވަހަށް އެ ރަށަށް ގެންދާނެ ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ މުވައްޒަފުން ނަގައި، އެ ރަށުގައި މަސައްކަތްތައް ވަރަށް އަވަހަށް ހިނގަން ފަށާނެ ކަމުގެ ޔަގީންކަން ގަމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވިއެވެ