news photo

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މުއުމިނާ ވަޙީދު އައްޔަންކުރައްވައިފި

26 އޮކްޓޯބަރު 2025

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މ. ޖިއެނާ، އަލްފާޟިލާ މުއުމިނާ ވަޙީދު އައްޔަންކުރައްވައިފިއެވެ. މުއުމިނާއަށް މަޤާމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވީ އެ ކަމަށް ޓަކައި ސިޓީސް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒެވެ. 

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ރަށްވެހި މާލަމުގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ނާއިބު ރައީސާއި އެ ކޮމިޝަންގެ ބައެއް މެންބަރުންނާއި، ސިޓީސް މިނިސްޓްރީގެ ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، މަދަނީ އިސް މުއައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

އަލްފާޟިލާ މުއުމިނާ ވަޙީދަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގެ އިތުރުން އެ ކޮމިޝަންގެ އިދާރީ އެކި މަޤާމުތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ކަނބަލެކެވެ. މީގެ އިތުރުން މުއުމިނާ ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި މަސައްކަތްކުރައްވަފައެވެ.  އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް އިސް މަޤާމެއްގައިމުއުމިނާ މަސައްކަތްކުރައްވާފައެވެ. 

ޕަރމަނަންޓް ސެކްރެޓަރީ އައްޔަންކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒާއި، މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި އަދި ޕަރމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދު ވެސް ވާހަކަފުޅުދެއްކެވިއެވެ.