news photo

މަރަދޫ ފޭދޫ ފިޓްނަސް ސެންޓަރ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފި

05 ނޮވެމްބަރު 2025

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.

މަރަދޫ ފޭދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ޢަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.  މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.  މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ ރައީސް އަރިހުގައި ފުވައްމަލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އެ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ.