19 ނޮވެމްބަރު 2025
ރަށްރަށުގައި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ޓަކި ޖަހަން ޖެހޭ ދޮރަކީ އެ ރަށެއްގެ ކައުންސިލުގެ އިދާރާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން، ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގެންފައިވާ އަދި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ނިޒާމެއް ކަމަށެވެ. މިނިސްޓަރ ސިފަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ބާރުވެރިކަން ފެތުރިގަންނަ ނިޒާމެކެވެ. އަދި އެއީ ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ޔުނިޓަރީ ދައުލަތެއްގެ ފަށަލައެއްކަން ގަބޫލުކުރަން ޖެހޭކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
''ރަށެއްގައި ހިނގާ ކޮންމެ ކަމެއް، އެއީ ދައުލަތުގެ މަޝްރޫޢެއް ކަމަށް ވިޔަސް އެ ކަމަކީ އެއީ ރަށުގެ ރައްޔިތުންނަށް ދިމާވާ އާންމު ޙާލަތެއް ކަމުގައި ވިޔަސް އެއިން ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެ ރަށެއްގައި ޓަކި ޖަހަން ޖެހޭ ދޮރަކީ އެ ރަށެއްގެ ކައުންސިލުތަކުގެ އިދާރާ'' އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކައުންސިލުތަކަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރުމަށް ޓަކައި މޮނިޓަރިންގ މެކޭނިޒަމް ހަރުދަނާކުރަން ޖެހޭ ކަމަށާއި، އެ ކަމަށް ޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)ގެ ކެޕޭސިޓީއާއި އަދި އެލް.ޖީ.އޭގައި މަސައްކަތްކުރުމުގެ މާޙައުލު މިހާރަށް ވުރެ ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
''އެ ގޮތުން ކައުންސިލުތަކުން ކުރާ ކަންކަން ވަގުތުން ޖަވާބުދަރީކުރުވުމާއި އަދި ކައުންސިލުތަކުން ކުރާ ކަންކަން ފަސޭހައިން ނިންމެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން'' މިނިސްޓަރ ވިދާޅުވިއެވެ.
ކައުންސިލުތަކުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު އެ ކައުންސިލެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަޢްމަދު މުޢިއްޒު ރާއްޖޭގެ ހުރިހައި ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލްތަކާއި، ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި އެ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރުމަށް ކުރައްވާ މަސައްކަތަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ނަމޫނާއެއް ކަމަށް މިނިސްޓަރ އާދަމް ޝަރީފުގެ ވާހަފުޅުގައި ފާހަގަ ކުރެއްވިއެވެ.