15 ޑިސެމްބަރު 2025
ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (ޔުނެސްކޯ-އައިއޯސީ) އިން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށް ޓަކައި އުފެއްދި މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގެ ވައިސް ޗެއަރ އަކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ހިމެނިއްޖެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ސުނާމީ ރެޑީ ބޯޑު އެކުލަވައިލުމުގެ މަޤްޞަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުމެވެ.
މި ބޯޑުގައި މިނިސްޓްރީ ތަމްސީލު ކުރައްވާނީ ސްޓޭޓް މިނިސްޓަރ މުހައްމަދު އިބްރާހިމް (ބޯޑުގެ ވައިސް ޗެއަރ) އިތުރުން ސްޓޭޓް މިނިސްޓަރ އަހުމަދު ރަޝީދެވެ.
މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ފިނޭންސާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ޔުނެސްކޯއިން ކަނޑައަޅައިފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއެކު، މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތްކުރުން މި ބޯޑުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލައި ބައެއް ކަންތައްތަކުގެ ތެރޭގައި ކާރިސީ ޙާލަތުގައި ޢަމަލުކުރާނެ ޕްލޭނެއް އޮތުމާއި، ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި، ކާރިސީ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތާއި، އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭ ގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 2030 އަންނަން ވާއިރަށް ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ޙާޞިލްކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމަށް މަސައްކަތްކުރުމެވެ. އެހެން ކަމުން މިއީ ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނޭ މުހިންމު ބައިނަލްއަޤުވާމީ ރެކޮގްނިޝަންއެކެވެ.