15 ޑިސެމްބަރު 2025
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް މީޑީއާ އިންސްޓިޓިއުުޓުން އިންތިޒާމުކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފިއެވެ.
މި ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ މިނިސްޓްރީގެ މުވައްޒަފުންނަށް ޙަބަރު ލިޔުމާއި، ފޮޓޯ ނެގުމާއި އަދި ވީޑިއޯ އުފައްދަން ދަސްކޮށްދިނުމެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބާއި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންވިއެވެ.
ޓްރެއިނިންގ ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ މިނިސްޓްރީގެ މުވައްޒަފުންނަށް މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ޕީއެސްއެމް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެ ސަބަބުން މުވައްޒަފުންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޓްރެއިނިންގ ތެރެއިން މުވައްޒަފުންނަށް މިނިސްޓްރީގެ ސޯޝަލް މިޑިއާ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަދު ފެށި މި ޓްރެއިިނިންގ ޕްރޮގްރާމްގައި މިނިސްޓްރީގެ އެކި ޑިޕާޓްމެންޓުތަކުން 25 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެލައްވައެވެ. ސެޝަންތައް ކުރިއަށްދާނީ މިއަދު މެންދުރު ފަހު 1.00 އިން ހަވީރު 5.00 އަށެވެ. އަދި މާދަމާ ހެނދުނު 10.00 އިން ހަވީރު 5.00 އަށެވެ.