16 ޑިސެމްބަރު 2025
ކޮންޓެންޓް ތައްޔާރުކުރުމުގެ ކަންކަމުގައި މެނޭޖްމަންޓެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް މި ވަރކްޝޮޕުން ދަސްވެގެން ހިނގައްޖެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާގެ އެހީތެރިކަމާއެކު މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން، ސިޓީސް މިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޑިޖިޓަލް ކޮމިއުނިކޭޝަން އަދި ކޮންޓެންޓް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމާބެހޭ ވަރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ނިމުނު ތަމްރީނު ޕްރޮގުރާމުގެ ސަބަބުން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ފަތުރާ އާންމުކުރުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ހަވީރު ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައި އޮތް މި ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޕީއެސްއެމާއި އަދި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.