news photo

ސިޔާސީ އަދި ސިވިލް މުވައްޒަފުން ގުޅިގެން ނޫނީ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ނުދާނެ: ސީއެސްސީގެ ރައީސް

17 ޑިސެމްބަރު 2025

މިނިސްޓްރީތަކުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ހިނގާނީ އެ މިނިސްޓްރީއެއް ގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންނާއި، ސިވިލް މުވައްޒަފުން ގުޅިގެން ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ 'އަހަރީ ރިވިޔު' ފެށުމަށް މިއަދު ހެނދުނު ސިޓީސް މިނިސްޓްރީގައި ފެށި 'އަހަރީ ރިވިއުގެ' އިފްތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ. 

މިނިސްޓްރީގެ މުވައްޒަފުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް ވިދާޅުވީ، ސިޓީސް މިނިސްޓްރީއަކީ ސިވިލް މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުން ވަރަށް ގާތްކޮށް ގުޅިގެން މަސައްކަތްކުރާ މުވައްޒަފުންތަކެއް ހިމެނޭ މިނިސްޓްރީއެއް ކަމަށެވެ.

''ސިޔާސީ މުވައްޒަފުންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުން ގުޅިގެން ނޫން ގޮތަކަށް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ނުދާނެ'' މުޖްތާޒް ވިދާޅުވިއެވެ.

މުޖުތާޒްގެ ވާހަކަފުޅުގައި ސިވިލް މުވައްޒަފުންނާ މެދު މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ބަހައްޓަވައި ގުޅުން ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް އެ މަނިކުފާނު ވަނީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް ޝުކުރު އަދާކުރައްވާފައެވެ.