21 ޑިސެމްބަރު 2025
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލުން ދޭ ''ފައިނު އެވޯޑު 2025'' މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރަށް އަރުވައިފިއެވެ.
މި އެވޯޑަކީ ފައިނުގެ ޚިދުމަތްތެރީންނާއި، މަސައްކަތްތެރީންނާއި، ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެންދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދިން ފުރަތަމަ ފަހަރެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް އެރުވީ ފަޚުރުވެރިކަމުގެ އެވޯޑެވެ.
ފައިނު ކައުންސިލުން ވިދާޅުވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް އެ އެވޯޑު އެރުވީ އެ މަނިކުފާނު ދައުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އިތުރުން ފައިނު އެ ދާއިރާއަކަށް ނިސްބަތްވާ ރ. މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމައި ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުކަމުގެ މަޤާމު ފުރުއްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައެވެ.
ތައުލީމީ ދާއިރާއަށް 35 އަހަރުގެ ޚިދުމަތްކުރެއްވުމުގެ އިނާމު މިނިސްޓަރަށް ވަނީ ލިބިވަޑައިގެންފިއެވެ.