news photo

55 ކައުންސިލް މި އަހަރު ނިމޭނެ، ބޭނުންވާ ހުރިހާ ޚިދުމަތެއް ފުރިހަމަވާނެ: ރައީސް

05 ފެބްރުއަރީ 2026

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ މަޝްރޫޢު ނިމޭއިރު، ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ ކައުންސިލް އިދާރާތަކުގައި ފުރިހަމަވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވައިދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. 

އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ އިދާރާތަކުގެ ޢުމްރާނީ ޙާލަތު ރަނގަޅުކޮށް، ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވެސް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށެވެ. އެ ގޮތުން މި އަހަރު ތެރޭގައި 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

''ޕްރޮޖެކްޓް ނިމޭއިރު، ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ އިދާރާތަކުގައި ފުރިހަމަވެފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ'' ރައީސޫލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.