news photo

ފެބްރުއަރީ 11 ގެ ފަހުން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރައިން

05 ފެބްރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މަސްދަޅު ދޫކުރުން މި މަހުގެ 11ގެ ފަހުން ކުރިއަށް ގެންދާނީ މިފްކޯ ފިހާރައިން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރަމްނޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުން މިހާރު ހުރި ލޮކޭޝަންތަކުން ކުރިއަށްދާނީ މި މަހުގެ 11 ގެ ނިޔަލަށް ކަމަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައްޓާފައި ވަނީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. 

މި ސަރަޙައްދުގައި 15 މަރުކަޒަކުން އަންނަނީ ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ހުކުރުދުވަހުގެ ރޭ ފިޔަވާ ކޮންމެ ރެއަކު 8.30އިން 11.00އަށް ކުރަމުންނެވެ.