news photo

މަސް ކޭސް ދޫކުރާ އެންމެ ފަހު ތާރީޚަކީ ފެބުރުވަރީ 11

09 ފެބްރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ)ގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދަނީ މި މަހުގެ (ފެބުރުވަރީ) 11 އާ ހަމަޔަށެވެ. 

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. 

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މި ހިނގާ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ ފެބުރުވަރީ 11 ވަނަ ދުވަހުގެ ރޭގަނޑު 11:00 އެވެ.

މިހާތަނަށް މާލެ ސަރަޙައްދުގައި 43،923 މަސް ދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. 

އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާނެއެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބިވަޑައިގަންނަވާނީ https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ. ފަހު ވަގުތަށް މަޑުނުކުރައްވާ އަވަހަށް މަސްދަޅު ކޭސް ބަލައި ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.