12 ފެބްރުއަރީ 2026
އޮފީސް މާޙައުލުގައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް ނަމޫނާ ދެއްކުމުގެ ޢަޒުމް ކަނޑައެޅުމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ މި ގޮތަށް އެދިވަޑައިގެންނެވީ ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) އިން މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްގެ ރަސްމިއްޔާތު ފައްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ ވެސް އެއްވަރަކަށް މުހިންމު ބައެއް ކަމަށެވެ. އެހެންކަމުން ހުރިހާ މުވައްޒަފުން ވެސް ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
''އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުމާއި، އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކައިގެން މަސައްކަތް ކުރުމުގެ އާދަތައް އަޅުގަނޑުމެންގެ ކިބާގައި އަށަގަތުމަށް އަދި އަށަގެންނެވުމަށް'' މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާއިރު، އަނެކާއަށް އެކަށީގެންވާ މަޢުލޫމާތުދިނުން އަދި ރަނގަޅު އިރުޝާދު ދިނުމާއި، އެ އިރުޝާދާ އެއްގޮތަށް ކަންކަން ކުރުމުގެ އާދަ އަށަގެންނުމަށް ޓަކައި މަސައްކަތްކުރުމަކީ އެ މީހެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ.
''ޑަބަލް މަސައްކަތްކުރާ މުވައްޒަފުން އެ މުވައްޒަފުންނަށް ލިބޭ އިރުޝާދާއި، ދެވޭ ލަފަޔާ އެއްގޮތަށް ކަންކަން ކުރަންވީ ގޮތް އޮޅުން ފިލުވައި ދޭއިރު އެ ގޮތަށް ޢަމަލުކުރެވޭތޯ މަސައްކަތްކުރުމަކީ އޮފީސް މާޙައުލަށް މިއަދު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް" މަސައްކަތް ހަލުވިކޮށް ކުރެވިގެންދާނަމަ ހުރިހާ މުއައްސަސާއެއްގައި ވެސް މިހާރަށް ވުރެ ނިކުންނަ ނަތީއްޖާ ރަނގަޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު މަސައްކަތުގެ މާޙައުލަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް އަހުލުވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.