news photo

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓަރ އިސްނަގައިގެން މަޖިލީހަށް!

19 އޯގަސްޓު 2024

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ރާވާފައިވާ ގޮތާއި މި މަސައްކަތް ކުރުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން މަސައްކަތްތައް ރާވާފައިވާގޮތް ލާމަރުކަޒީ ކޮމިޓީއާ ހިއްސާކުރުމަށާއި އެކަމުގައި ލާމަރުކަޒީ ކޮމިޓީގެ ޚިޔާލު ހޯދުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްވަވާފައިވާ ކަންކަން ހިއްސާ ކުރެއްވިއެވެ. މިގޮތުން ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް ހަދަމުންދާ ދިރާސާއާއި ކައުންސިލްތައް އުމްރާނީގޮތުން ތަރައްޤީ ކުރުމަށް ކުރައްވާ މަސައްކަތްތަކާއި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވާ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ.

ޤާނޫނުއަސާސީގެ 8 ވަނަ ބާބު ޚާއްޞަކޮށްފައިވަނީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަމަށްވެފައި، ރާއްޖެއަކީ ޤުދުރަތީގޮތުން އަތޮޅުތަކަށް ބެހިފައިވާ ޖަޒީރާ ޤައުމަކަށް ވާއިރު، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އިދާރީ ދާއިރާތައް ކަމުގައި ބުނެފައިވަނީ އަތޮޅުތައް ކަމަށް ވާތީވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުމުގެ މުހިންމުކަން މިނިސްޓަރ މަޖިލީހުގައި ހިއްސާ ކުރެއްވިއެވެ. އަދި މާލެއިން މީހުން ގެންގޮސްގެން ރަށްރަށުގެ ކަންކަން ކުރުމުގެ ބަދަލުގައި އަތޮޅު ކައުންސިލް ބާރުވެރި ކުރުވަންޖެހޭކަން ފާހަގަކުރައްވައި، އަތޮޅު ކައުންސިލްތަކުގައި ޤާނޫނީ ވަކީލުން، އެލް.ޔޫ.ޕީ ހެދުމާއި އޮޑިޓް ކުރުން ފަދަ ޤާބިލްކަން އިތުރު ކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރގެ ހުށަހެޅުންތަކަށް ލާމަރުކަޒީ ކޮމިޓީގެ ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ ތާއީދުކުރައްވައި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މަރުޙަބާ ކިޔާފައެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ވަނީ މަގުޗާޓެއް އެކުލަވާލާފައެވެ.