news photo

"އުފާވެރި ރާއްޖެ - ހެޕިނަސް އިންޑެކްސް"ގެ ފަންނީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

10 އޭޕްރީލު 2025

ހެޕިނަސް އިންޑެކްސްގައި ހިމެނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކުލަވައިލެވުނު ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ހެޕިނަސް އިންޑެކްސް އެކުލަވައިލުމުގައި ބަލައިލެވޭނެ ދާއިރާތަކާއި ގުޅޭގޮތުންނެވެ.

މި ދާއިރާތަކަކީ ހެޕިނަސް އިންޑެކްސް އެކުލަވައިލުމުގެ އިތުރުން އިޖުތިމާޢީ އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ބަލައިލެވޭނެ ދާއިރާތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. މި ފަދަ މަސައްކަތެއް ކުރުމުގައި ކޮމިޓީއެއް އެކުލަވައިލުމުގެ މަޤްޞަދަކީ ހެޕިނަސް އިންޑެކްސްއަކީ ފަންނީ ބޭފުޅުންގެ ލަފާއާއި، އިރުޝާދު ބޭނުންވާ މަސައްކަތަކަށް ވުމުންނެވެ.

މީގެ އިތުރުން މި ފަދަ މަސައްކަތެއްގައި ވީހާވެސް ގިނަ ދާއިރާތަކެއްގެ ފަންނީ ބޭފުޅުން ހިމެނިގެން ކުރިއަށް ގެންދަނީ އެ ބޭފުޅުންގެ ލަފާ އަދި އިރުޝާދުގެ މަތިން ކުރެވޭ މަސައްކަތެއްގެ ގޮތުގައި މި ކަން ކުރުމުގެ ބޭނުމުގައި ކަމުގައި "އުފާވެރި ރާއްޖެ - ހެޕިނަސް އިންޑެކްސް" އެކުލަވައިލުމުގައި އިސްކޮށް ޙަރަކާތްތެރިވާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާމިނަތު ނަމްޒާ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި، ލަފާފުޅުގެ މަތިން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިސްނަންގަވައިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރައްވަމުން އަންނަ މަސައްކަތެކެވެ.