09 އޭޕްރީލު 2025
ހޮޅުދޫ ބޯޓުގެ އަލިފާނުގެ ޙާދިސާގައި ކަނޑުވި މީހުން ސަލާމަތްކުރެއްވުމަށް، ތ. ކަނޑޫދޫ ކައުންސިލްގެ މެންބަރު އިލްޔާސް މަހްމޫދު ކުރެއްވި މަސައްކަތްޕުޅަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ތަޢުރީފު ކުރައްވައިފިއެވެ.
2025 އޭޕްރީލް 2 ވަނަ ދުވަހުގެ ރޭ ތ. ހިރިލަންދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެ، ކަނޑުވި 18 މީހުން ސަލާމަތްކުރުމަށް ޓަކައި، ކަނޑޫދޫ ކައުންސިލްގެ މެންބަރު އިލްޔާސް މަޙްމޫދު އިސްވެ ހުންނަވައި، ކުރެއްވި މަސައްކަތްޕުޅަށް މިނިސްޓަރ ތަޢުރީފުކުރެއްވީ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރގެ މި ޕޯސްޓްގައި މި ޙާދިސާގައި ގެއްލިފައިވާ ލ. މާވަށު ޢަލީ މުޝްފިޤަށް ހެޔޮ ރަޙުމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ. ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ ބޯޓު އަޑިއަށް ގޮސްފައި ވަނީ ތ. އަތޮޅު ވަންދޫ ކައިރިއަށެވެ. ބޯޓު އަޑިއަށް ދިޔައީ 2025 އޭޕްރީލް 2 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.