news photo

ލާމަރުކަޒީ ނިޒާމު ސިޔާސީ ނުކުރުމަށް މިނިސްޓަރ އެދިވަޑައިގެންފި

19 އޯގަސްޓު 2024

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި، ޚިޔާލުފާޅުކޮށް، މަޝްވަރާ ކުރަމުންދާއިރު ލާމަރުކަޒީ ނިޒާމު ސިޔާސީ ނުކުރުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އެދިވަޑައިގެންފިއެވެ.

މިކަން މިނިސްޓަރ ހާމަކުރެއްވީ ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަ ކުރެއްވިގޮތުގައި ލާމަރުކަޒީ ނިޒާމު ސިޔާސީކުރުމުގެ ސަބަބުން ނިޒާމަށް ފައިދާވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ލާމަރުކަޒީ ނިޒާމަކީ ސިޔާސީ ހަތިޔާރަކަށް ހެދުމުން، އޭގެ ގެއްލުން މުޅި ނިޒާމަށް ފޯރައެވެ. ވުމާއެކު ލާމަރުކަޒީ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސިޔާސީ ފިކުރާއި ޖަޒުބާތުން އެއްކިބާވެ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަގު ދައްކަވައިދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްތަކަކީ ދައުލަތުގެ މުއައްސަސާއަކަށްވާއިރު، އެ މުއައްސަސާތަކަށް ދޭންޖެހޭ އިޙުތިރާމް ދެވޭފަދަ މާޙައުލެއް އުފައްދަންޖެހޭކަމަށާއި ކައުންސިލްތައް ޖަވާބޫދާރީ ކުރުވުމުގެ މުހިންމުކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފާހަގަ ކުރެއްވިއެވެ.