news photo

އަރބަން ޑިވެލޮޕްމަންޓް ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފި

24 އޯގަސްޓު 2024

މަދަރުސީ ތަޢުލީމު ނިންމައި، މަތީ ތަޢުލީމުގެ މަރުހަލާއަށް ތައްޔާރުވަމުންދާ ދަރިވަރުން އަރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރުމަށް އިސްކަން ދިނުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމަށް ޚިދުމަތް ކުރުމަށް ދާއިރާއެއް އިޚުތިޔާރުކުރާއިރު ރާއްޖޭގައިހުރި މައްސަލަތައް ދެނެގަނެ، ވަޒީފާގެ ފުރުޞަތުތައް އޮންނަ، ޤައުމަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލު ކުރުމަކީ މުހިންމުކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ދާއިރާއަކީ މި ވަގުތަށް ވަރަށް މުހިންމު ދާއިރާއެއް ކަމަށާއި އެ ދާއިރާއަށް ތަފާތު ފަންނުގެ ހުނަރުވެރި، ޤާބިލު، ތަޖުރިބާކާރު، ޓެކްނިކަލް މީހުން ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގައި އަރބަން ސެންޓަރތަކާއި އަރބަން ރީޖަންތައް އުފެދިގެންދާނެކަމަށާއި އެ ތަރައްޤީއަށް ވާޞިލުވުމަށް ޓެކްނިކަލް މީހުން ވަރަށް ގިނަ އަދަދަކަށް ބޭނުންވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިޖުތިމާޢީ ގިނަ މައްސަލަތައް އުފެދޭ އެއް ސަބަބަކީ ތޮއްޖެހިގެން ދިރިއުޅެންޖެހުންކަން ފާހަގަ ކުރައްވައި، ރަށް ރަށުން މީހުން އެކި ބޭނުންތަކުގައި އަމިއްލަ ވަޒަން ދޫކޮށް، މާލެއަށް އައުމުން، ލޯބިވާ މަންމައާއި ބައްޕައާއި ކާފައާއި މާމަގެ އެކަނިވެރިކަން ބަރުދާސްތު ކުރަންޖެހޭ ކަމަށާއި އަރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ތަޢުލީމު ޙާޞިލު ކުރުމަކީ ޢާއިލާއާއިއެކު ދިރިއުޅުމަށް، މައިންބަފައިންނާއި އާއިލާގެ މީހުންނާއި ކާފައާއި މާމަ ގާތުގައި ދިރިއުޅުމަށް މަގުފަހިވާނެ ވަރަށް ރަނގަޅު ފުރުޞަތުތައް ލިބޭނެ ދާއިރާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.