news photo

މި މިނިސްޓްރީން އިސްނަގައިގެން ކައުންސިލުތައް ހިންގުން ހަރުދަނާކުރުމާ ގުޅޭ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް އެލްޖީއޭއިން ފައްޓައިފި

27 އޯގަސްޓު 2024

ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމާއި ކައުންސިލުތަކުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކައުންސިލުތައްހިންގުން ހަރުދަނާކުރުމާ ގުޅޭ 3 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފައްޓައިފިއެވެ. މި މިނިސްޓްރީއާ ގުޅިގެން، އެލްޖީއޭގެ ފަރާތުން އޮންލައިންކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި 40 ރަށެއްގެ ރަށު ކައުންސިލުންނާއި 5 އަތޮޅެއްގެ އަތޮޅު ކައުންސިލުން ޖުމްލަ 170އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ލައްވައެވެ.

މިއަދު ހެނދުނު ފެށި، މި ޓްރޭނިންގ ޕްރޮގްރާމު ފައްޓަވައިދެއްވައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި އެލްޖީއޭއިން ކައުންސިލުތަކުގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލަށާއި، އެލްޖީއޭގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދެންނެވިއެވެ. އަދި މި ފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މި ޓްރޭނިންގ ޕްރޮގްރާމަކީ އޮންލައިންކޮށް ބާއްވާ ޓްރޭނިންގއަކަށް ވުމުން މި ކަމަށް މި ތިން ދުވަހު ޚާއްޞަ ސަމާލުކަމެއް ދެއްވައި، މި ކަމަށް ފޯކަސްކުރައްވައިގެން، އިޚްލާޞްތެރިކަމާއެކު ޓްރޭނިންގ ކުރިއަށް ގެންގޮސް ދެއްވުމަށް ޕްރޮގްރާމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިއަދުން ފެށިގެން މި މަހުގެ 29 އަށް އެލްޖީއޭގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ލިބި ކައުންސިލުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ.