news photo

އެމް.ޑަބުލިޔު. އެސް.ސީ އިން ކޮންޑުއިޓް ހޮޅި އުފެއްދުމަކީ ދިވެހި މަސައްކަތްތެރިންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް: ވަޒީރު އާދަމް ޝަރީފް

29 އޯގަސްޓު 2024

މޯލްޑިވްސް ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު. އެސް.ސީ) އިން ކޮންޑްއިޓް ހޮޅި އުފެއްދުމަކީ ދިވެހި މަސައްކަތްތެރިންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކުންފުންނީގެ ފަރާތުން އަލަށް މާކެޓަށް މިއަދު ނެރުނު ކަރަންޓް ވައިރިންގައި ކުރާއިރު ރައްކާތެރިކުރުމުގެ ގޮތުން ބޭނުން ކުރާ ހޮޅި(ކޮންޑުއިޓް) މާރކެޓަށް ނެރުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމް.ޑަބުލިޔު.އެސް.ސީ ގެފަރާތުން މިކުރެވުނު މަސައްކަތަކީ ދިވެހި މަސައްކަތް ތެރިންނާއި ދިވެހި ރާއްޖޭގެ ފަތުރުވެރި ކަމުގައި ރަށް ތައް ތަރައްޤީ ކުރަމުން އަންނަ ފަރާތްތަކަށް ވެސް ވަރަށް ބޭނުންތެރި މުހިންމު މަސައްކަތެއްކަމަށާއި ހާއްސަކޮށް ދިވެހި އުފެއްދުމެއް ލިބިގެން ދިޔުމަކީ ރާއްޖޭގެ ޢުމުރާނީ ތަރައްޤީ އަށާއި ރާއްޖޭގެ ގެދޮރުވެރި ކަމުގެ ވަސީލަތްތައް ބިނާކުރާ ފަރާތްތަކަށްވެސް ލިބުނު ދިވެހި އުފެއްދުމެއް ކަމަށެވެ.

"މި ކުންފުންޏަށް ވަރަށް ރީތި ނަމަކާއި އަދި މާލީ ގޮތުން ކުރިއެރުމެއް އަންނާނެ ފުރިހަމަ މަސައްކަތެއްްމިއީ ،އަދި ހަމަ އެއާއިއެކު އަޅުގަނޑު ދެކޭގޮތުގައި މިއީ މިކަމުގެ ސަބަބުން ރާއްޖޭގެ އުމުރާނީ ތަރައްޤީއަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މަސައްކަތާއި އަދި މީހުން ދިރިއުޅުމުގައި އާއްމު ކޮށްވެސް ގެދޮރުވެރި ކަމުގައި މިވަސީލަތް ހޯދުމުގައި ހާއްސަކޮށް ރާއްޖޭގެ އުފެއްދުމެއް ލިބެން ހުރުމަކީ އަޅުގަޑު ދެކޭގޮތުގައި ކޮންމެ މީހަކުވެސް ދިވެއްސަކަށް ވީތީވެ ވަރަށް ބޮޑަށް ފަހުރުވެރިވާނެ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

ކޮންޑުއިޓް ހޮޅި އުފައްދާ މާރކެޓައް ނެރެދިނުމުގެ މިއަދުގެ މިރަސްމިއްޔާތުގައި ވަނީ އެކުންފުނި އުފެއްދި ފުރަތަމަ ޝިޕްމެންޓުގެ ހޮޅި މާރކެޓް ކުރުމަށް ހާރޑް ވެއާރ ލެބް އާއި ހަވާލު ކުރައްވާފައެވެ. އެކުންފުނިން މަޢުލޫމާތު ދެއްވާ ގޮތުގައި ކޮންޑުއިޓް 5 ސައިޒެއްގެ ހޮޅި މިވަގުތުވަނީ މާރކެޓަށް ނެރެފައެވެ. މިރަސްމިއްޔާތު ގައި އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އަބުދުލް މަތީން މުހައްމަދާއި އެކުފުންނީގެ ބޯރޑް މެންބަރުން ބައިވެރިވިއެވެ.