news photo

މ.ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައި: ވަޒީރު އާދަމް ޝަރީފް

01 ސެޕްޓެމްބަރު 2024

މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާލާފައި ވާކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެމަސައްކަތް ކުރާ ސައިޓަށް ޒިޔާރަތް ކުރެއްވުމަށް ފަހު ހަބަރު ފަތުރާ ވަސީލަތްތަކަށް ދެއްވި ނިއުސް ބްރީފިންގ އެއްގައެވެ.

"ބަރާބަރު 14 ދުވަހުގެ ތެރޭގައި މި ޢިމާރާތް ބިމާ ހަމަކޮށްލެވިފައި މިއޮތީ،ދެން ހަމަ އަޅުގަނޑު މިފުރުސަތުގައި ފާހަގަކޮށްލަން ބޭނުން މިމަސައްކަތް ކުރެވިގެން ދިޔައިރު އަޅުގަނޑުމެންގެ އެއްވެސް މުއަައްޒަފަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ނުލިބި މިތަނުގެ ކައިރީގައި ހުރި ގޭތަކުގެ ތެރެއިންވެސް އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މާފަންނު ރަބީއުވިލާ ތަޅާލުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވައިގެން ހާއްސަކޮށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތެއް ކަމަށާއި މިމަސައްކަތް ކުރިއިރު ސަރަހައްދުގެ ގޭތަކުގެ މީހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއްވެސް މިނިސްޓަރ ވަނީ ދަންނަވާފައެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަބީއީވިލާ ތަޅާޅުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ނަމަވެސް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި އެމަސައްކަތް ކުރުމަށްފަހު އެމަސައްކަތް ވަރަށް ފުރިަހަމަ ކަމާއި އެކު ނިންމާލެވިފައި ވާކަމަަށެވެ.

"މިމަސައްކަތް ކުރުމުގައި މިހިސާބުގެ ރައްޔިތިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު، އެއްވެސް ޝަކުވާއެއް އަޅުގަނޑުމެންނަށް ނައިސް މިމަސައްކަތް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް އެއްބާރުލުން ލިބިގެނ މިދިޔައީ" މިނިސްޓަރ އާދަމް ޝަރީފް ފާހަގކުރެއްވި އެވެ.