news photo

މަސްވެރިކަމާ ގުޅޭ ކަންކަމުގައި ސިޓީސް މިނިސްޓްރީން ދެއްވާ އެހީތެރިކަމަށް ފިޝަރީޒް މިނިސްޓަރ ޝުކުރު އަދާކުރައްވައިފި.

10 ސެޕްޓެމްބަރު 2024

މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ސިޓީތަކާއި އިދާރީ ދާއިރާތާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ސިޓީސް މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ޝިޔާމަކީ ވަރަށް ރަނގަޅަށް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ވަރަށް ކައިރިން ބައްލަވަމުން އަންނަ ބޭފުޅެއް ކަމަށާއި، ފިޝަރީޒް މިނިސްޓްރީން އެދިވަޑައިގެންނަވައި ކަންކަމުގައި ސިޓީސް މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އެ މިނިސްޓްރީގެ ފަރާތުން މިހާރު އަޅަމުންގެންދަވައި ކަނދުފަތިތަކުގެ ބަރު އެޅުޅުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓުން ވަރަށް ފުރިހަމަ ކަމާއެކު ކޮށްދެއްވާ ކަމަށް ޓަކައި އެ ކަމުގައި ޝާމިލްވެލައްވާ ހުރިހައި ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިހާރު ކުރަމުންގެންދަވައި މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.