news photo

ޕާރމަނަންޓް ސެކްރެޓަރީ މަޤާމަށް ޑޮކްޓަރ ފާޠިމަތު މުނާ ހަމަޖައްސަވައިފި

23 ސެޕްޓެމްބަރު 2024

މި ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ގއ. ވިލިގިލީ ވާދީއާގޭ ޑޮކްޓަރ ފާޠިމަތު މުނާ، ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ހަމަޖައްސަވައިފިއެވެ.

ޑޮކްޓަރ ފާޠިމަތު މުނާއަކީ މެލޭސިއާގެ މެނޭޖްމަންޓް ސައެންސް ޔުނިވަރސިޓީން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މުނާ ވަނީ މެލޭސިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ހައްދަވައިފައެވެ.

ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މިއަދު އައްޔަންކުރެއްވި ޑޮކްޓަރ ފާޠިމަތު މުނާ ވަނީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގައި ޕާރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން ޑޮކްޓަރ ފާޠިމަތު މުނާއަކީ މީޑިއާ ކައުންސިލުގެ ޑިރެކްޓަރ ޖެނަރަލްކަމާއި، ޑިރެކްޓަރކަމާއި އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރގައި އެސިސްޓެންޓް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.

މި ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޑޮކްޓަރ ފާޠިމަތު މުނާ ހަމަޖެއްސެވީ ކުރިން ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ރަޝީދު ޕީއެޗްޑީއަށް ކިޔެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމާ ގުޅިގެންނެވެ.