05 ފެބްރުއަރީ 2024
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވައި، ރައްޔިތުންނާ ވީހާވެސް ގާތުން ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފެއްދުމުގެ ހެޔޮ ނަތީޖާ މިހަރުވެސް ފެންނަން ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކައުންސިލްތަކަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްޞަ ފުލްޓައިމް ވަޒީރަކު ހުންނަވާގޮތަށް ސަރުކާރު ހިންގުމަށް ގެންނެވީ މުހިންމު ބޭނުމެއްގައިކަމާއި އެ މަޤުޞަދު ޙާޞިލުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކާ އިދާރީ ހިންގުން ތަރުތީބުކޮށް ޒަމާނީކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށެވެ. މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ކަންކަން މާލެ ސިޓީ ކައުންސިލާ ޙަވާލުނުކޮށް އޮތް އޮތުން، ނިމުމަކަށް ގެންނަވައި، ސަރުކާރުގެ ފުރަތަމަ 9 ހަފުތާ ތެރޭގައި އެކަން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ކޮށްދެވޭން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު ހިންގަން ބޭނުންފުލު ވަނީ، ކައުންސިލްތަކާ ގުޅިގެން، މަޝްވަރާކޮށްގެން، އެއްބާރުލުންދީގެން، ކައުންސިލްތަކަށް ކަންކަން ފަހިކޮށްދެއްވައިގެންކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަކީ ފުދުންތެރި، ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭފަދަ މާލީ ޤާބިލުކަން ހުރި ތަންތަނަށް ހެދުމަށްޓަކައި، ކައުންސިލްތަކުގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފަޅުރަށްތައް ނުވަތަ އިޚްތިޞާޞުން ބޭރުންނަމަވެސް، ފަޅުރަށްތައް ހަމަޖެއްސޭނެ ގޮތް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ޚާއްސަ އެހީތެރިކަމެއް ދީގެން، ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން މިއަހަރު ނިމުމުގެ ކުރިން ހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގައި ދިނުމުގައި، ހަމައެކަނި ބުނާ ބަހެއްގެ ގޮތުގައި އެކަން ނުބާއްވާ، ޢަމަލީގޮތުން ކަންކޮށްދޭ ސަރުކާރަކަށް މި ސަރުކާރު ވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.