ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވާ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރެއްވުމަށް ރައީސް ވަނީ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވައިފައި ކަމުގައި ސިޓީތަކާއި އިދާރި ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަރަށް ގިނަ ސިޔާސަތުތަކެއް ކަނޑައަޅުއްވައިފައެވެ. އެ ގޮތުން ކައުންސިލްތަކަށް ފަޅުރަށްރަށް ލިބޭނެ އުޞޫލެއް ކަނޑައަޅުއްވައި އެ އުޞޫލުގެ ދަށުން 4 ކައުންސިލަކުން މިހާރު ވަނީ ފަޅުރަށް ހޯއްދެވުމަށް ޕްރޮޕޯސަލް ހުށައަޅުއްވައިފައެވެ.
"ފަޅުރަށް ރަށް ހޯދުމަށް ހުށައެޅި ކައުންސިލްތަކުގެ ޕްރޮޕޯސަލްތައް މިހާރު އަންނަނީ ރިވިއުކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ތަފްޞީލްކުރައްވައި ވިދާޅުވެފައި ވަނީ އެ ރަށަކުން ނަގައި ޓެކްސްގެ 10 އިންސަންތަ އެ ރަށަކަށް ލިބޭނެ އިންތިޒާމްކޮށްފައިވާ ކަމަށާއި، މީގެ އިތުރަށް ވެސް ކޮންޓެކްޓް ފައިނޭންސްގެ ދަށުން 55 ކައުންސިލް ޢިމާރާތްކުރުމަށް ހުށައަޅައިފައިވާ ޕްރޮޕޯސަލް ރިވިއުކޮށް އިކޮނޮމިކް ކައުންސިލަށް ހުށައަޅައިފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވެސް މިނިސްޓރގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.