news photo

ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގައި އެކި ޚިޔާލާއި ފިކުރުތަކާއެކީގައި މަޝްވަރާކޮށްގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ އެންމެ ރަނގަޅު މިސްރާބަކަށް ނުދާނެ

01 ނޮވެމްބަރު 2024

ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގައި އެކި ޚިޔާލުތަކާއި، އެކި ފިކުރުތަކާއެކީގައި މަޝްވަރާކޮށްގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ އެންމެ ރަނގަޅު މިސްރާބަކަށް ނުދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިތުރަށް އެ މަނިކުފާނު ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީގައި، ތަފާތު ފިކުރުގެ އެކި ވިސްނުމުގެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަކީ ބޭނުންތެރި މަޝްވަރާއެއް ކަމުގައެވެ. އަދި މި ފަދަ މަހާސިންތާތަކުގައި މަޝްވަރާކުރެވި ޚިޔާލުފުޅުތައް އެއް ގޮތް ކުރެއްވުމަކީ މަލްޓިޕާޓީ ޑިމޮކްރެސީގައި ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

މި މަހާސިންތާ ހުޅުވައިދެއްވުން ޝަރަފުވެރިކޮށް ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކަތީބުންނާއި، އަތޮޅުވެރީން ދިވެހިރާއްޖެއަށް ދެން ނާންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ ކުރިން ދެއްކި ކަތީބުންނާއި، އަތޮޅުވެރީންގެ ވާހައަކީ މަލްޓިޕާޓީ ޑިމޮކްރަސީގައި މިހާރު އެއް ގޮތަކަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި ދައްކާ ވާހަކައެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެންމެފަހުން ޤައުމީ ޔުނިވަރސިޓީން ހެދި ދިރާސާއިން ވެސް ފެނިގެން ދިޔައީ ލާމަރުކަޒީ ނިޒާމު ދިވެހި ރައްޔިތުން ބަލައިގެންފި ކަން. ދިވެހިރާއްޖޭގެ ވެރިކަން ލާމަރުކަޒީ ނިޒާމާ އެއް ގޮތަށް އޮންނަން ޖެހޭ ކަން. އެހެންވީމާ ރާއްޖޭގައި އޮންނާނީ ލާމަރުކަޒީ ނިޒާމު" ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ރައްޔިތުންގެ ތެރެއިން ބަސްބުނަން ތިބި ބަޔަކީ ކައުންސިލަރުން ކަމަށް ވިދާޅުވިއެވެ. އަދި އެ މަޤާމު ހޯދުމަށް ކައުންސިލަރުން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދިހަމައެއާއެކު އެ މަނިކުފާނު ވިދާޅުވީ މަޤާމުގެ ހައިޞިއްޔަތުން ކައުންސިލަރުން ދަމަހައްޓަންވީ މަޤާމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ދެނެގަނެ، ކަންކަން ކުރަންޖެހޭ ގޮތާ ބެހޭ ގޮތުން ފުންކޮށް ވިސްނާ މަޝްވަރާކުރުމަށް މި ފަދަ މަހާސިންތާތައް މުހިންމު ކަމަށް ވިދާޅުވިއެވެ.

ކޮޅުމަޑުލު އިސްވާރުންގެ މަހާސިންތާ 2024 ހުޅުވައިދެއްވާ، ވަޒީރުު ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނަށް ބައިވެރިވެ ވަޑައިގެންނެވޭ ގޮތަށް މަހާސިންތާ ފެއްޓުމުގެ ރަސްމިއްޔާތުގެ ތާރީޚް ބަދަލުކޮށްދެއްވި ކަމަށް ޓަކައި ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ރައީސަށާއި، އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވައި އެންމެހައި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

ރޭ ފެށުނު ކޮޅުމަޑުލު އިސްވާރުންގެ މަހާސިންތާ 2024ގެ ކަރުދާސްތައް ހުށަހެޅި އެ ކަރުދާސްތަކާ ބެހޭ ގޮތުން މިއަދާއި އަދި މާދަމާ ވެސް ސެޝަންތައް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި މަހާސިންތާގައި އެ އަތޮޅުގެ ރަށްރަށުގެ ކައިންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލުންނާއި، އަތޮޅުގެ ކަންކަން ބަލަހައްޓަވައި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ޚާއްޞަ މަންދޫންނާއެކު ގާތްގަނޑަކަށް ސާޅީހަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.