news photo

ރާއްޖޭގައި ދީނީ ރޫޙް އަށަގަނެ، ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައީ ރައީސް މައުމޫން ކުރެއްވި މިންނަތް މަސައްކަތުގެ ސަބަބުން

11 އޭޕްރީލު 2024

ރާއްޖޭގައި ދީނީ ރޫޙް އަށަގަނެ، ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި މިންނަތް މަސައްކަތްޕުޅުގެ ސަބަބުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅު ހަނިމާދޫގައި ބޭއްވި "ތިލަދެކުނު ޤުރުއާން މުބާރާތް 2024" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ރާއްޖޭގައި އަޅުގަނޑުމެން ހަނދާން އެބަހުރި. މީގެ ސާޅީހަކަށް އަހަރުކުރިން ރީއްޗަށް ޤުރުއާން ކިޔަވަން ކީއްކުރަންތޯ؟ ހަމައެއްގޮތަކަށް ވެސް ޤުރުއާން ކިޔަވަން ނޭނގޭ ގިނަ ބަޔަކު ރާއްޖޭގައި ދިރިއުޅެމުން އައި" ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މި ރާއްޖޭގައި ދީނީ ރޫޙު އަށަގަނެ، ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން މި ރާއްޖޭގައި އުފެދިގެން ދިޔައީ، ރައީސް މައުމޫނުގެ ޒަޢާމަތުގައި، ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢާއި، ސަރުކާރުން އެ ކަމަށް ދެއްވި އިސްކަމާއި، ކުރެއްވި ޚާއްޞަ މަސައްކަތްޕުޅުގެ ސަބަބުން ހޭލުންތެރިކަން އުފެދި އަދި ސުކޫލުތަކުގައި ވެސް ޤުރުއާން ކިޔަވައިދިނުމަށް ދިން ސަމާލުކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ތިލަދެކުނު ޤުރުއާން މުބާރާތް 2024 ނިންމުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވަޒީރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ދީނީ ރޫޙު އާލާވެ، ޚާއްޞަކޮށް ޤުރުއާން ކިޔެވުމަށް ބޮޑު ސަމާލުކަމެއް މިއަދު ދެވިފައި ވަނީ މައިންބަފައިންނާއި، ސުކޫލުތަކުން އެ ކަމަށް ޓަކައި ވަމުންދާ ޤުރުބާނީގެ ސަބަބުން ކަމަށާ، އަދި އެއީ އެންމެވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދިމާވާ ބޮޑެތި މުސީބާތްތަކާއި، އެކިއެކި ބަލިމަޑުކަމުން ސަލާމަތްވުމުގައި ވެސް އެންމެ ބޮޑަށް ބޭނުންކުރަން ޖެހޭ ހަތިޔާރަކީ ކީރިތި ޤުރުއާން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ތިލަދެކުނު ޤުރުއާން މުބާރާތް 2024ގެ ފަޚުރުވެރި ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މުޅި މުބާރާތުން 3 ވަނަ ދަރިވަރަކަށް ހޮވުނީ ޢަފީފުއްދީން ސުކޫލްގެ މުޙައްމަދު ލަސަން ފަޟީލެވެ. މުޅި މުބާރާތުން 2 ވަނަ ޙާޞިލްކުރީ މަކުނުދޫ ސުކޫލްގެ ނާޔާ ބިންތު އަޒްހަރު ޢަބްދުލްޢަލީމެވެ. މުޅި މުބާރާތުން ފަޚުރުވެރި 1 ވަނަ ޙާޞިލްކުރީ ޖަލާލުއްދީން ސުކޫލްގެ އިބްރާހީމް މަލްސޫން މުޙައްމަދެވެ. މުޅި މުބާރާތުން 3 ވަނަ ސުކޫލަކީ ޖަލާލުއްދީން ސުކޫލެވެ. މުޅި މުބާރާތުން 2 ވަނަ ސުކޫލަކީ ނޮޅިވަރަމް ސުކޫލެވެ. މުޅި މުބާރާތުން 1 ވަނަ ސުކޫލަކީ މަކުނުދޫ ސުކޫލެވެ.