news photo

ކައުންސިލްތަކާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ސާބިތުކަމާއެކު ދެމި ތިބޭނަން: މިނިސްޓަރ އާދަމް ޝަރީފު

24 ނޮވެމްބަރު 2024

ކައުންސިލްތަކާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސާބިތުކަމާއެކު ދެމި ތިއްބަވާނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މުރައިދޫ ކުޑަކުދިންގެ ޕާކު "ބޮނބިފަންނު" ހުޅުވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ކޮންމެ ކައުންސިލަކީ ވެސް މުހިންމު ކައުންސިލެއް ކަމަށާއި ހަމައެފަދައިން ކޮންމެ މުވައްޒަފަކީ ވެސް މުހިންމު މުވައްޒަފެއް ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެފަދައިން ކޮންމެ ރައްޔިތަކީ ވެސް ވަރަށް މުހިންމު ފަރާތެއް ކަމަށާއި އެ ފަރާތްތަކުން ކުރައްވާ މަސައްކަތް ބައްލަވައިލައްވައި އެ ފަރާތްތަކުގެ ވާހަކަތައް އަޑުއެއްސެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ އެއްވެސް ކައުންސިލެއް ތަފާތު ކުރުމެއް ނެތި އެއްވެސް ރައްޔިތެއް ވެސް ތަފާތުކުރުމެއް ނެތި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ޚިދުމަތެއް ކޮށްދެއްވުމުގައި ސާބިތުކަންމަތީ ދެމިތިބުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެންމެ ފުރަތަމަ ސިޔާސަތަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ ސިޔާސަތުކަމަށާއި، އެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް އެ ކައުންސިލްތަކަށް ލިބޭނެ މަގުފަހިކުރައްވާފައި ކަމަށާ، އެ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ކުރިއަށް އޮތް ތާގައި ލިބޭ ޓެކްސްގެ 10 އިންސައްތަ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ މަގުފަހިވެގެން ދާނެ ކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ އިތުރަށް 128 ކައުންސިލް އިދާރާ އަލަށް އެޅިގެން ދާނެ، އޭގެ ތެރޭގައި މި ރަށުގެ ކައުންސިލް ޢިމާރާތް (މުރައިދޫ ކައުންސިލް) ހިމެނޭ" ވަޒީރު އިތުރަށް ތަފްޞީލްކޮށް ދެއްވަމުން ވިދާޅުވިއެވެ. ޕާކު ހުޅުއްވައިދެއްވާ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ހަމައެކަނި ކައުންސިލް އިދާރާތައް އަލަށް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން ހއ. އަތޮޅުގައި މުޅިން އަލަށް 12 ކައުންސިލް ޢިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.