news photo

މުރައިދޫ "ޕަބްލިކް ލައިބުރަރީ" ހުޅުވައިދެއްވާ އަހަރީ ފޮތް "ދުވެލި"ގެ ކޮޕީއެއް ވަޒީރު ހަދިޔާ ކުރައްވައިފި

24 ނޮވެމްބަރު 2024

 

ހއ.މުރައިދޫ "ޕަބްލިކް ލައިބްރަރީ" ހުޅުވައިދެއްވާ ސިޓީސް މިނިސްޓްރީން ނިމިދިޔަ އަހަރު ކުރެވުނު މަސައްކަތްތައް އެކުލެވޭ އަހަރީ ފޮތް "ދުވެލި" ގެ ކޮޕީއެއް ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ލައިބުރަރީއަށް ހަދިޔާ ކުރައްވައިފިއެވެ.

 

ލައިބުރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ އިންސާނާގެ ސިކުނޑި ތަރައްޤީވެ ބަސް އެންމެ ބޮޑަށް ކުރިއަރާ އެއް ވަޞީލަތަކީ ލައިބުރަރީގެ ބޭނުން ކޮށްގެން ފޮތްކިއުމުގެ އާދަ ހަރުލުން ކަމަށާ، އެ ގޮތުން ޕަބްލިކް ލައިބުރަރީއެއް މި ފަދަ އުފާވެރި މާޙައުލެއްގައި ޤާއިމްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

 

ލައިބުރަރީ ހުޅުވައިދެއްވާ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި ލައިބްރަރީގެ ބޭނުން ތުއްތު ކުދިންނާއި، ޒުވާނުންގެ އިތުރަށް، އިސްރަށްވެހިން ވެސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ، މި ލައިބުރަރީގެ ސަބަބުން އިތުރު ކުރިއެރުމާއި، ހިންހަމަޖެހުން ލިބިގެން ދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

 

"ޕަބްލިކް ލައިބުރަރީއެއް ހުޅުވިގެން ދިއުން އެއީ އަޅުގަނަޑު ވަރަށް އުފާކުރާ ކަމެއް. މި ކަހަލަ ގޮތަކަށް މިހާ އުފާވެރިކަން ލިބޭ ހިންހަމަ ޖެހޭ ގޮތަށް މި ލައިބުރަރީ ހުޅުވިގެން ދިއުމަކީ އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެ ކަމަށް ޓަކައި މުރައިދޫ ކައުންސިލްގެ ރައީސަށާއި، މި ކަމުގައި ޝާމިލްވެ ވަޑައިގެން މަސައްކަތް ކުރެއްވެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި، މުބާރިކްބާދު އަރިސްކުރަން" މިނިސްޓަރ ވިދާޅުވިއެވެ. ބޮނބިފަންނު ޕާކުގައި ހުޅުވި މި ލައިބުރަރީ ހުންނަނީ މުރައިދޫގެ އިރުމަތި ފަރާތުގެ އަތިރިމަތީގެ ވަރަށް ހިތްގައިމު ސަރަޙައްދެއްގައެވެ.

 

ވަޒީރު ވަނީ ސިޓީސް މިނިސްޓްރީގެ އަހަރީ ފޮތް ދުވެލީގެ ކޮޕީއެއް ހއ. އަތޮޅު ކައުންސިލްގެ ރައީސަށާއި، އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ހަދިޔާ ކުރައްވާފައެވެ.