06 ޑިސެމްބަރު 2024
މި ވުޒާރާގެ ޑިޕާޓްމެންޓްތަކުގެ މެދުގައި ރޭ ފެށި ފުޓްސެލް މުބާރާތުގައި މިހާތަނަށް އައި އިރު މި ވަނީ ޖުމްލަ 9 މެޗް ކުޅެފައެވެ.
ފިރިހެނުންގެ ބައިގައި 5 ޓީމު އަދި އަންހެނުންގެ ބައިގައި 3 ޓީމު ވާދަކުރާ މި މުބާރާތުގެ މިއަދު ހަވީރުގެ މެޗްތައް ނިންމާލި އިރު ފިރިހެނުންގެ ބައިގައި ކުޅުނު 3 މެޗުން ވެސް މޮލުވެ 9 ޕޮއިންޓާއެކު ކުރީގައި އޮތީ އަތޮޅު ވެށްޓެވެ. އަތޮޅު ވެށްޓާ އެންމެ ކައިރިން ވާދަކުރަނީ 2 މެޗު ކުޅެ 3 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނާގައި އޮތް ކޯޕަރޭޓެވެ.
އަންހެނުންގެ ބައިގައިބ ވާދަކުރާ 3 ޓީމުގެ ތެރެއިން މި ވަގުތު ކުރީގައި އޮތީ 2 މެޗު ކުޅެ 4 ޕޮއިންޓާއެކު އޮތް ކުރިމަގެވެ. ކުރިމަގު ޓީމާ ކައިރިން ވާދަކުރަނީ ކުލުނު މެޗުން 1 ޕޮއިންޓް ލިބިފައި އޮތް ޓީމު އޯކިޑެވެ.
މާލޭ ސިޓީ ކައުންސިލްގެ ފުޓްސެލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތް ރޭ ފައްޓަވައި ދެއްވީ ނިޝާން މުލީ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އިބްރާހީމް އިސްމާޢީލެވެ. މުބާރާތް ފެށުމުގެ ގޮތުން ރޭ ވަނީ ވަޒީރުގެ ޓީމާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމްގެ ޓީމާއެކު ފުޓްސެލް މެޗެއް ކުޅެފައެވެ. މި މެޗު ނިމުނީ 3 ލަނޑު 3 ލަނޑުން ދެ ޓިމު އެއްވަރު ވެގެންނެވެ.
މި މަހުގެ 5 އިން 7 އަށް ކުރިޔަށްދާ މި ފުޓްސެލް މުބާރާތަކީ މި ވުޒާރާގެ ހުރިހައި ގިންތިއެއްގެ ހުރިހައި ނަސްލެއްގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަތިވެރި މަޤްޞަދުގައި ކުޅެވޭ މުބާރާތެކެވެ.