07 ޑިސެމްބަރު 2024
މާލޭ ސިޓީ ކައުންސިލްގެ ފުޓްސެލް ދަނޑުގައި ކުރިޔަށްދާ މި ވުޒާރާގެ ފުރަތަމަ ފުޓްސެލް މުބާރާތުގެ ފައިނަލްގެ ޖާގަ ކުރިމަގު އަދި އަތޮޅު ވެށިން ކަށަވަރުކޮށްފިއެވެ.
އަންހެނުންގެ ބައިގެ ފައިނަލްގެ އެއްކޮޅު ކުރިމަގު ކަށަވަރުކުރީ ކުޅުނު 4 މެޗުން 2 މެޗު މޮޅުވެ، އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން ބަލިވެ ލިބުނު 7 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެންމެ ކުރި ހޯދައިގެންނެވެ. ކުރިމަގާއެކު ފައިނަލްގައި ވާދަކުރާނެ އަނެއް ޓީމު އެނގިގެން ދާނީ މިއަދު ހަވީރު ކުޅެވޭ އޯކިޑާއި، ކިކާސްގެ މެޗަށްފަހުއެވެ.
ފިރިހެނުންގެ ބައިގައި ކުޅުނު 4 މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އަތޮޅު ވެށި މި ވަނީ ފައިނަލް ކަށަވަރު ކޮށްފައެވެ. އަތޮޅު ވެށްޓާއެކު ފައިނަލްގައި ކުޅޭނެ އަނެއް ޓީމު އެނގޭނީ މިއަދު ހަވީރު ކުޅެވޭ މެޗުތަކަށް ފަހުއެވެ. ޕޮއިންޓް ޓޭބަލްގެ ދެ ވަނާގައި މި ވަގުތު އޮތީ 4 ޕޮއިންޓާއެކު އެކްސްޕެކްޓެވެ. ނަމަވެސް ޓޭބަލްގެ ތިން ވަނާގައި 3 ޕޮއިންޓާއެކު އޮތް ކޯޕަރޭޓް ޓީމަށް ވެސް ފައިނަލްގެ ފުރުޞަތު އަދި ނުގެއްލެއެވެ.
މި ވުޒާރާގެ ޑިޕާޓްމެންޓްތަކުގެ މެދުގައި މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ފެށި މި ފުޓްސެލް މުބާރާތުގައި މިހާތަނަށް އައި އިރު މި ވަނީ ޖުމްލަ 13 މެޗު ކުޅެފައެވެ. ފިރިހެނުންގެ ބައިގައި 5 ޓީމު އަދި އަންހެނުންގެ ބައިގައި 3 ޓީމު ވާދަކުރާ މި މުބާރާތުގައި މިއަދު ހަވީރު ވެސް 3 މެޗު ކުޅެވޭނެއެވެ.
ނިޝާން މުލީ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް އިބްރާހީމް އިސްމާޢީލް ފައްޓަވައި ދެއްވި މި މުބާރާތުގެ ފައިނަލް މެޗުތަކުގެ ކުޅުމާއި، މުބާރާތް ނިންމުމުގެ އިޙްތިފާލު މިރޭ ެއޮންނާނެއެވެ.
މި މަހުގެ 5 އިން 7 އަށް ކުރިޔަށްދާ މި ފުޓްސެލް މުބާރާތަކީ މި ވުޒާރާގެ ހުރިހައި ގިންތިއެއްގެ، ހުރިހައި ނަސްލެއްގެ، ހުރިހައި ފަންތިއެއްގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަތިވެރި މަޤްޞަދުގައި ކުޅެވޭ މުބާރާތެކެވެ.