news photo

ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސް ދެއްވުމަށް، ގާފަރު ރައްޔިތުން އެދިވަޑައިގެންފި

12 ސެޕްޓެމްބަރު 2024

ކ. އަތޮޅު ގާފަރުން ގޯތި ދޫނުކުރާތާ 18 އަހަރުވެފައިވުމުން ރަށަށް ދިމާވެފައިވާ ގޯތީގެ ދަތިކަން ހައްލުކޮށް ދެއްވުމަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން ގާފަރު ކައުންސިލުން އެދިވަޑައިގެންފިއެވެ.

ގާފަރު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި، އެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 

އެ ގޮތުން ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ސްކޫލުގެ ޖާގައިގެ ދަތިކަމާއި އަދި މަސްވެރިންގެ ފަރާތުން ހުރި ބައެއް ކަންބޮޑުވުންތައް ވެސް އެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަމާއި ހޭންޑް ބޯލް ދަނޑު ނުނިމި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ތަޢުލީމާއި، ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް މި އަންނަ އަހަރު ފެށުމަށް ޚާއްޞަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.