news photo

ކާށިދޫ ދަނޑުވެރިކަމުގެ މަސައްކަތަށް، ޚާއްޞަ އިސްކަމެއް ދެއްވާނަން:ރައީސް

12 ސެޕްޓެމްބަރު 2024

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި ކ. ކާށިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެ ރަށުގެ ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މި ބައްދަލުވުމުގައި ކާށިދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެ ގޮތުން ރަށުގެ ބަނދަރުގެ ދަތިކަމުގެ ވާހަކަ ވަނީ ރައީސްގެ ސަމާލުކަމަށް ގެންނަވައިފައެވެ. މީގެ އިތުރުން ރަށުގެ ދަނޑުވެރިކަމުގެ ޞިނާޢަތް އިތުރަށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސްއާ، ކައުންސިލު މެންބަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ރައީސް ވަނީ ކައުންސިލްގެ މެންބަރުންނާ ހިއްސާކުރައްވާފަ އެވެ. 

މީގެ އިތުރުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، ވުޒާރާތަކުން މަސައްކަތް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވައި ކަންކަން ރައީސް ވަނީ  ކާށިދޫ ކައުންސިލްގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.