news photo

ރައީސުލްޖުމްހޫރިއްޔާ ހުރާ ކައުންސިލާ ބައްދަލުކުރައްވައި ތަރައްޤީގެ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

12 ސެޕްޓެމްބަރު 2024

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި ކ. ހުރާ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހުރާ ކައުންސިލުން ވަނީ ރަށުގެ އޭ.ޓީ.އެމް.ގެ މައްސަލައަށް ސަރުކާރުން ހައްލު ހޯދަވައި ދެއްވި ކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައިފައި ވެއެވެ.

ރަށުގެ ޞިއްޙީ މަރުކަޒުގައި ސްކޭންކުރުމުގެ ޚިދުމަތް ނެތުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ކައުންސިލުގެ މެންބަރުން ވަނީ މި ބައްދަލުވުމުގައި ފާހަގަ ކުރައްވައިފައެވެ. 

ހުރާ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި  މިބައްދަލުވުމުގައި، ކައުންސިލުން އެދިލެއްވި ކަންކަމަށް ބަލައި، ހައްލު ހޯދައިދެވެން ހުރި ކަންކަމުގައި ކައުންސިލުން އެދޭ ފަދަ ހައްލުތަކެއް ހޯދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.