14 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ގުޅޭ ޢިމާރާތުގައި ހިންގަމުން ދިޔަ، ވައިޓަލް ރެޖިސްޓްރޭޝަނާއި، ލޭންޑް އެންޑް ބިލްޑިންގ ޑިޕާރޓްމަންޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ދެ ޑިޕާރޓްމަންޓުގެ މަސައްކަތް، އަލުން ފަށައިގެން ކުރިއަށް ގެންގޮސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ވީހާވެސް އަވަހަށް ދެވޭނެ ގޮތް ވުމަކީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ދެ ސެކްޝަނެއް އަނދައިގެން ދިއުމާ ގުޅިގެން ޑޮކިޔުމަންޓްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ފެއްޓުމާ، ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހިއްސާ ކުރައްވައިފައިވާ އިރުޝާދުތައް، ކައުންސިލްގެ މުވައްޒަފުންނަށް ފޯރުކޮށް ދެއްވުމަށް ގަލޮޅު މަދަރުސާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މި ހާދިސާ (އަލިފާނުގެ) ހާދިސާ ހިނގި ހިސާބުން ފެށިގެން ވެސް ތިޔަ ބޭފުޅުން ވަރަށް ޒިންދާރު ގޮތެއްގައި ވަރަށް ރަނގަޅަށް ފަރުވާތެރި ކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދަވައިކަން އަޅުގަނޑު ފާހަގަކުރަން. އަދި ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަން" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 3 މިނިސްޓްރީއާއި، މާލޭ ސިޓީ ކައުންސިލްގެ ޢިމާރާތަކީ މުހިންމު ޚިދުމަތްތަކެއް ދެއްވަމުން އަންނަ ތަންތަން ކަމަށްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ ތަންތަނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ޓަކައި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށް ވިދާޅުވިއެވެ.
ސިޓީކައުންސިލްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ފަހު އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢިމާރާތްތައް ސާފުކުރުމުގެ މަސައްކަތުގައި ސިޓީސް މިނިސްޓްރީގެ ޕަބްލިކްވޯރކްސް ޑިޕާރޓްމަންޓުން ކުރައްވަމުން ގެންދަވައި މަސައްކަތް ވެސް މިއަދު މިނިސްޓަރ ވަނީ ބައްލަވައިލައްވާފައެވެ.