news photo

ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދެއްވައިފި

16 ޑިސެމްބަރު 2024

މި ވުޒާރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ތެރޭގައި ހިމެނިލައްވާ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދެއްވައިފިއެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވީ ހަފުތާ 52 ފާހަގަކުރުމަށް މި ވުޒާރާއިން ބޭއްވި ޙަރަކާތްތައް ނިންމާލުމުގެ ގޮތުންނާއި އަދި މި ވުޒާރާއަށް 1 އަހަރުފުރުން ފާހަގަކުރުމަށް ރޭ ހުޅުމާލޭ ފޭސް 3 ގައި ބޭއްވި ސްޓާފް ނައިޓްގައެވެ. 

ރޭ ހަނދާނީ ފިލާ ދެއްވީ 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވާފައިވާ 3 މުވައްޒަފަކަށާއި، 30 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކުރެއްވި 21 ފަރާތަކަށާއި އަދި 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކުރެއްވި  71 މުވައްޒަފަކަށެވެ. މި ހަނދާނީ ފިލާތައް ޙަވާލުކޮށްދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ހޭވައްލާ ގުރޫޕުގެ ބޮޑުބެރާއި، މުވައްޒަފުން ހުށަހަޅައިދެއްވި ހިތްގައިމު އައިޓަމްތަކާއެކު، ރޭ ބޭއްވި މި ޙަފުލާގައި ވޯޓުލައިގެން ހޮވި އިތުރު 14 ފަރާތަކަށް އެވޯޑް ދެވިފައި ވެއެވެ. މި އެވޯޑްތައް ޙަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމެވެ. 

ރޭ ބޭއްވި މި ސްޓާފް ނައިޓްގައި، މުވައްޒަފުންގެ ފަރާތުން ވަޒީރު އާދަމް ޝަރީފު ޢުމަރަށް ވެސް ހަނދާނީ ފިލައެއް އެރުވިއެވެ. އެ ފިލާގައި މުވައްޒަފުންގެ ހިތުގައި  އެ މަނިކުފާނަށް ދެވިފައިވާ ޤަދަރާއި، އިޙްތިރާމާއި، ލޯބި ކުރު އިބާރާތްކޮޅަކުން ސިފަކޮށްދެއްވައިފައި ވެއެވެ.

މި  ރަސްމިއްޔާތުގައި  ވަޒީރު ދެއްކެވި ވާހަކަފުޅުގައި  ތަޖުރިބާ ހުރި މުވައްޒަފުންތަކަކާއެކު ރަނގަޅު އަރުތަވެރި މަސައްކަތްތަކެއް، ފާއިތުވެ ދިޔަ އަހަރު ކުރެވުނުކަމުގެ އިޙްސާސް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި އެ ކަން ފާހަގަކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓުން އެއްވެސް ރުފިޔާއެއް ޚަރަދުނުކޮށް ހަފުތާ 52 ގެ ކަންކަން ޚާއްޞަކޮށް ރޭގެ އެ އިޙްތިފާލު ވެސް ބޭއްވިގެން ދިޔަކަން ފާހަގަކޮށް، އެ ކަން ކޮށްދެއްވި ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.