news photo

ރާއްޖޭގެ ލާމަރުކަޒީ ޤާނޫނުން ސާފުކޮށް އެނގޭ ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ފުރަތަމަ ޓަކިޖަހަން ޖެހޭ ދޮރަކީ ކައުންސިލް

20 ޑިސެމްބަރު 2024

ރާއްޖޭގެ ޤާނޫނުއަސާސީއާއި، ލާމަރުކަޒީ ޤާނޫނުން ސާފުކޮށް އެނގޭ ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ފުރަތަމަ ޓަކިޖަހަން ޖެހޭ ދޮރަކީ ކައުންސިލް އިދާރާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކަންގަތި އެވޯޑް ދިނުމަށް މިރޭ އެލްޖީއޭގެ ފަރާތުން "މީރުމާ"ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

"ކައުންސިލް އިދާރާއަކީ ރައްޔިތުންގެ އޮފީސް، ރައްޔިތުންގެ ގެ. ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި އެންމެ ފުރަތަމަ ޙަރަކާތްތެރި ވަނީ ކައުންސިލަރުން. މަގުތަކުގައި ފެން ބޮޑުވިޔަސް، ނެރުމައްޗަށް އޮޑިއެއް ބީހުނަސް ފުރަތަމަ ދުއްވައިގަންނަން ތިބެނީ ކައުންސިލް މުވައްޒަފުން. ފުރަމެންދަމުގައި ބަލި މީހަކު ފުރުވާލަން ޖެހުނަސް ލޯންޗަށް ބަލިމީހާ އަރުވަންދެން ތިބެނީ ކައުންސިލް މުވައްޒަފުން. ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ފޯރުކޮށްދޭ، އެ ކޮންމެ މުއައްސަސާއެއްގެ ޚިދުމަތްދޭ ރަށު ފެންވަރުގެ ކޮށިގަނޑަކީ ކައުންސިލް އިދާރާ: ވަޒީރު ވިދާޅުވިއެވެ. 

އިތުރަށް އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކައުންސިލްތަކުގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، ޒިންމާތަކާ އެއްވަރަށް ވަޞީލަތް އިތުރު ކުރަންޖެހޭ ކަމަށެވެ. ހަމައެއާއެކު މީހުން ބިނާކުރަންޖެހޭ ކަމަށާއި، އަދި ސުޕަވިޝަނާއި، މޮނިޓަރިންގ ހަރުދަނާ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. 

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލު ޝަރަފުވެރިކޮށްދެއްވި ކަންގަތި އެވޯޑްދިނުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، 2 މަޝްރޫޢެއް މިހާރު އިޢުލާން ކުރައްވައިފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަވައި 50 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢާއި، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ މަޝްރޫޢު ކަމަށް ވިދާޅުވިއެވެ. އަދި  ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢަށް ގެނެވުނު ބަދަލުތައް އިކޮނޮމިކް ކައުންސިލުން ފާސްކޮށްދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.