20 ޑިސެމްބަރު 2024
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ ކައުންސިލްތަކުގެ 71 އިންސައްތަ ޢިމާރާތް މުޅިން އައު ކުރެވި، ކައުންސިލްތަކާއި ޑަބްލިޔޫޑީސީތަކަށް މަސައްކަތްކުރުމަށް ރަނގަޅު މާޙައުލެއް ލިބިގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކަންގަތި އެވޯޑް ދިނުމަށް މިރޭ އެލްޖީއޭގެ ފަރާތުން "މީރުމާ"ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކައުންސިލްތައް ރޭންކްކޮށް، ކުރިއެރުންތައް ހޯދި ފަރާތްތަކަށް ކަންގަތި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަވައި 50 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢާއި، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ މަޝްރޫޢު ނިމޭ އިރު، ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލު ޝަރަފުވެރިކޮށްދެއްވި ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަށް ޓަކައި ކައުންސިލްތަކަށް ފަޅުރަށް ލިބޭނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށަށް ލިބޭ ގްރީން ޓެކްސްގެ ވަކި އިންސައްތައެއް ލިބޭނެ ނިޒާމެއް ޢާންމު ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މާލޭން ކުރިން ދެމުންދިޔަ ބައެއް ޚިދުމަތްތައް ރައްޔިތުންނާ ގާތުން، ކައުންސިލްތަކުން ދެއްވުމަށް ނިންމަވައި، އެ ކަން ވަނީ އިޢުލާނު ކުރައްވާފައި، ޕާސްޕޯޓާއި އައި.ޑީ.ކާޑް ހެދުމުގެ ޚިދުމަތް އަތޮޅުތަކުން ދިނުމަށް މިހާރު އެ ދަނީ ފެށެމުން" ވަޒީރު ވިދާޅުވިއެވެ.
ކަންގަތި އެވޯޑް ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގައި އެލްޖީއޭއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ އެލްޖީއޭގެ ހުރިހައި މުވައްޒަފުންނަށް ޙައްޤު ތަޢުރީފާއި، ޝުކުރުދަންނަވައި، އައްސަރިބަހާއި ސާބަސް ރައްދުކުރެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި، ސަމާލުކަމަށް ޓަކައި އެލްޖީއޭ ބޯޑުގެ ހުރިހައި މެންބަރުންނާއި، އެންމެހައި މުވައްޒަފުންނާއި، ހުރިހައި ސިޓީތަކާއި، ކައުންސިލްތަކުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދެންނެވިއެވެ.