15 ޖެނުއަރީ 2025
ރ. މީދޫ ކައުންސިލުގެ މެންބަރުންނާ ވަޒީރު އާދަމް ޝަރީފު އުމަރު ބައްދަލުކުރައްވައިފިއެވެ. އިއްޔެ އޮތް މި ބައްދަލުވުމުގައި އެ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވަޒީރާއި ހިއްސާކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި، މީދޫ ކައުންސިލުގެ ރައީސް ވަނީ ރަށުގެ ބިން ހިއްކުމުގެ މަސައްކަތާއި، ހޮސްޕިޓަލުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ، އެ ކަމާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ އެކި އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ފައިސާ ދެއްކުމުގައި ކާޑުގެ ޚިދުމަތް ކައުންސިލަށް ނުލިބޭތީ އެ ކަމުގައި ދިމާވާ ގޮންޖެހުންތައް ވެސް ކައުންސިލުގެ މެންބަރުން ހިއްސާ ކުރެއްވިއެވެ. އެ ގޮތުން ކައުންސިލުން ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވޯކް ޕާރމިޓް ފީ ދެއްކުމުގައި ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭ ކަމުގައި ކައުންސިލުގެ ސެކެޓްރީ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކައުންސިލުން ލޯކަލް އޮތޯރިޓީ ކޮމްޕެނީ އުފެއްދުމަށް ނިންމާފައިވާ ކަމަށާ، އެ ކަން ފުރިހަމަ ކުރުމުގައި ވުޒާރާގެ ލަފާއާއި، އެހީތެރިކަމަށް ކައުންސިލުގެ މެންބަރުން އެދިލައްވާފައި ވެއެވެ.
ރ. މީދޫ ކައުންސިލުން އެދިލެއްވި ކަންކަން ކުރިއަށް ގެންދިއުމުގައި ވުޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް، މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.