news photo

ފަޅުރަށް ހޯއްދެވުމަށް ޕްރޮޕޯސަލް ހުށަހެޅުއްވި ކައުންސިލްތަކަށް، ފަޅުރަށް ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި: ވަޒީރު އާދަމް ޝަރީފު

16 ޖެނުއަރީ 2025

ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުއްވި ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މި ގޮތަށް ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. ތަފްޞީލު ދެއްވަމުން އެ ޕޯސްޓްގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ ފަޅުރަށްތައް ޙަވާލު ކުރެއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ ގުޅިގެން މިނިސްޓްރި އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަދު މެންދުރު ވަޒީރު ކުރެއްވެވި މި ޕޯސްޓްގައި ފަޅުރަށް ޙަވާލުކުރައްވާ ކައުންސިލްތަކާއި އެ ކައުންސިލްތަކަށް ޙަވާލުކުރައްވާ ފަޅުރަށުގެ ނަން ވެސް ހާމަކުރައްވައިފައި ވެއެވެ. އެ ގޮތުން ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ، ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު ފެންފުއްޓާއި، މިނިމަސްގަލި އަދި ލ. މާވަށު ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅަލި ޙަވާލުކުރައްވަން ނިންމަވައިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެކްސްގައި ވަޒީރު ކުރެއްވެވި މި ޕޯސްޓް ނިންމާ ލައްވައިފައި ވަނީ، ފަޅުރަށް ލިބޭ ކައުންސިލްތަކަށާއި، އެ ކައުންސިލް ހިމެނޭ ރަށްރަށުގެ އެންމެހައި ރައްޔިތުންނަށް މަރުޙަބާ ދަންނަވަމުންނެވެ.

ފޮޓޯ- ސަމުޑްރާމޯލްޑިވްސް