21 ޖެނުއަރީ 2025
ކައުންސިލް އިދާރާތައް ޢިމާރާތްކުރުމުގެ މަސައްކަތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ރަށްރަށުގެ ކައުންސިލްތަކުގެ ޙާލަތު އަމިއްލަފުޅަށް ދެކިވަޑައިގެން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމުން ގެނެސްދެއްވާ "ރާއްޖެ މިއަދު" ޕްރޮގްރާމް ގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ، ލާމަރުކަޒީ ނިޒާމަށް ޚާއްޞަ އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށާއި، ކައުންސިލްތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާޙައުލެއް ލިބިވަޑައިގަންނަވަން ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވައި ކަމަށެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ކައުންސިލުތަކުގެ މިހާރުގެ ހާލަތަށް ބައްލަވައި، ސަރުކާރުން ނިންމެވީ 55 ކައުންސިލް ޢިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭސް އުޞޫލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމާއި، ޑިޒައިން މޮޑެލް ކަނޑައަޅުއްވާފައި ވަނީ ރަށުގެ އާބާދީއާއި، ބިމުގެ ޖާގައިގެ ތަނަވަސް ކަމަށް ބެއްލެވުމަށް ފަހުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މިހާރު މި ފަށާ 55 ކައުންސިލް ޢިމާރާތުގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ފަށާ ކައުންސިލްތަކުގެ މަސައްކަތް ވެސް މި އަހަރުގެ ކުރީ ކޮޅު ފެށިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި މި ދެ މަޝްރޫޢު ނިމޭ އިރު ޖުމްލަ 105 ކައުންސިލް ޢިމާރާތުގެ މަސައްކަތް ނިމޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ރޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތައް ކަނޑައެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ އަލަށް ޢިމާރާތް ކުރާ ކައުންސިލްތައް ކަނޑައެޅުމުގައި ހުރިހައި ރަށެއްގެ ކައުންސިލްތަކުގެ ޙާލަތު މިނިސްޓްރީން ބައްލަވައިފައި ވާނެ ކަމަށާ، އޭގެ އިތުރުން އެލްޖީއޭއިން އެއްކުރެވިފައިވާ މަޢުލޫމާތަށް ވެސް ރިޔާޢަތް ކުރައްވާފައި ވާނެ ކަމަށެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު "ރާޢްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލްތައް ފުރަތަމަ ދެ މަޝްރޫޢުތެރޭގައި ނުހިމެނި ސަބަބުގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ. ސަބަބެއް ކަމަށް އެ މަނިކުފާނު ވިދާޅުވީ، ރަށު ކައުންސިލްތަކުގެ ޢިމާރާތްތަކުގެ ޙާލަތަށް ވުރެ، އަތޮޅު ކައުންސިލްތަކުގެ އިމާރާތްތަކުގެ ޙާލަތު މި ވަގުތަށް ބަލައި އިރު ރަނގަޅުވުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ކައުންސިލް ޢިމާރާތް ކުރުމުގައި އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ވެސް އިސްކަން ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާޢްޖެ މިއަދު" ޕްރޮގްރާމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް ޢިމާރާތުގެ ޙާލަތު ރަނގަޅު ނަމަވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ ކައުންސިލްތަކުގެ ޙާލަތު ދެނެގަނެ އެ ކައުންސިލްތަކުގެ މައްސަލަ ޙައްލު ކޮށްދެއްވުމަށް ވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.