news photo

މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޙަޔާތުގައި ވަރަށް އުފާވެރި، ލާމަރުކަޒީ ނިޒާމުގައި އައު ޞަފުޙާއެއް ލިޔަން ފެށޭނެ ދުވަހެއް

21 ޖެނުއަރީ 2025

މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޙަޔާތުގައި ވަރަށް އުފާވެރި، ލާމަރުކަޒީ ނިޒާމުގައި އައު ޞަފުޙާއެއް ލިޔަން ފެށޭނެ ދުވަހެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

ތަފުޞީލު ދެއްވަމުން އެކްސްގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ "މާކަނޑުގެ މެދުގައި ނޫކުލައިގެ ސާލެއްގެ މަތީގައި ފެހިކުލައިގެ މުތީތަކުން ގަތާލެވިފައިވާ ހާރެއް ފަދަ ޖަޒީރާ ރަށްތަކުގައި، ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކައުންސިލް އިދާރާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިނާ ކުރުމުގެ މަޝްރޫޢުގެ އެގްރީމެންޓްގައި ސޮއިކުރެވުނު އުފާވެރި ދުވަހެވެ. ބޮލަށް ވެއްޓޭ ވަރު ވެފައި ހުރި ކައުންސިލް އިދާރާތަކުގެ ބަދަލުގައި، އައު ކައުންސިލް އިދާރާތަކެއްބިނާކުރުމުގެ މަޝްރޫޢުގެ އެގްރީމަންޓްގައި ސޮއިކުރެވުނު ތާރީޚީ ދުވަހެވެ"

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ކައުންސިލް އިދާރާތައް ބިނާކުރުމަށް ފައްޓާ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ފައްޓަވައި މަޝްރޫޢެއް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ ކަމަށް ޓަކައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް، ވުޒާރާގެ އެންމެހައި މުވައްޒަފުންނާއި، ހުރިހައި ކައުންސިލްތަކުގެ ހުރިހައި މުވައްޒަފުންގެ ނަންފުޅުގައި މަރުޙަބާ ދަންނަވައި، ޝުކުރު އަރިސްކުރައްވާފައި ވެއެވެ. އަދި ކައުންސިލް އިދާރާތައް ބިނާކުރުމުގެ މި މަޝްރޫޢުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅު ރާއްޖޭގެ ތާރީޚުގައި، ލާމަރުކަޒީ ނިޒާމުގެ ޞަފްޙާތަކުގައި ރަންއަކުރުން ލިޔެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. 

މީގެ އިތުރުން މި ޕޯސްޓްގައި ވަޒީރު ވިދާޅުވެފައި ވެއެވެ "މިއަދު ސޮއި ކުރެވުނު އެގްރީމަންޓްގެ ދަށުން 55 ކައުންސިލް އިދާރާ ފަރުނީޗަރާއެކު ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި ދެ ބުރިއަށް ޢިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނެއެވެ. ދެ ބުރިއަށް ޢިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެތެރޭގައި، އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އުންމީދު ކުރެވެއެވެ. މިއީ 36 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މިއަދު މި ސޮއިކުރެވޭ 55 ކައުންސިލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިތުރު 50 ކައުންސިލް އިދާރާ އެޅުއްވުމުގެ މަޝްރޫޢެއް އިޢުލާނު ކުރައްވާފައެވެ. ޗައިނާގެ އެހީގައި އަޅުއްވާ އެ ކައުންސިލް އިދާރާތަކުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެއެވެ. މި ދެ މަޝްރޫޢު ނިމޭ އިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އައު ކުރެވޭނެއެވެ."