news photo

5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އިފްތިތާޙުކޮށްދެއްވައިފި

30 ޖެނުއަރީ 2025

މި ވުޒާރާގެ 5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އާދަމް ޝަރީފު ޢުމަރު އިފްތިތާޙުކޮށްދެއްވައިފިއެވެ. މަސައްކަތު ޕްލޭން އިފްތިތާޙުކޮށްދެއްވީ މިރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

މިރޭ އިފްތިތާޙްކުރެވުނު 5 އަހަރު ދުވަހުގެ ޕްލޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ޙާޞިލްކުރުމަށް ޓަކައި، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައި ވެއެވެ. 

ޕްލޭން އިފްތިތާޙުކޮށްދެއްވާ، މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި ވުޒާރާއަކީ މުޅި ރާއްޖެއަށް މިއަދު ވެސް ފެތުރިފައިވާ ވަރަށް ބޮޑު ވުޒަރާއެއް ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ މި ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ކައުންސިލަކީ ވެސް މިއަދު މި ވުޒާރާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވޭ މުޅި ރާއްޖެ ތަރައްޤީކުރުމުގައި، ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއެކު، ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެން ވަރަށް މުހިންމު ދައުރެއް އަދާކުރަން" ވަޒީރު ވިދާޅުވިއެވެ. 

5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްލޭންގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ ހުށަހަޅައި ދެއްވިއެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.