news photo

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއަކީ، ދިވެހިރާއްޖޭގެ މުޅި މޫނުމަތި

31 ޖެނުއަރީ 2025

މިނިސްޓްރީ އޮފް ސިޓީސް،  ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއަކީ، ދިވެހިރާއްޖޭގެ މުޅި މޫނުމަތި ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މި ވުޒާރާގެ 5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

"މި ވުޒާރާއަކީ ރައްޔިތުންގެ ހިތްހަމަޖެހުމާއި، ހިނިތުންވުން ގެނެސްދޭ އެންމެ މުނާސަބު އެއް ވުޒާރާ. ރައީސުލްޖުމްހޫރިއްޔާ މި މިނިސްޓްރީ އުފެއްދެވި ބޭނުމާއި، މަޤްޞަދު ޙަޤީޤީ މާނައިގައި މި ދަނީ ފުދެމުން. މިހާތަނަށް ކައުންސިލްތަކާއިއެކު ކުރެވުނު މަސައްކަތްތަކުން މި ވަނީ މިނިސްޓްރީއާއި، ކައުންސިލްތަކާ ދެމެދު ވަރުގަދަ ގުޅުމެއް ޤާއިމްކުރެވިފަ" ވަޒީރު ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު މި މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މުޅި މިނިސްޓްރީގެ ހުރިހައި މުވައްޒަފުންނަކީ ވަރަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކުރައްވާ މުވައްޒަފުންތަކެއް ކަމަށް ވިދާޅުވިއެވެ.

5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ޕްލޭންގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ ހުށަހަޅައި ދެއްވިއެވެ. ސްޓޭޓް މިނިސްޓަރ ހުށަހަޅައިދެއްވި ޕްރެޒެންޓޭޝަންގައި ވުޒާރާގެ ތަޞައްވުރާއި، އަމާޒާއި، އަގުތަކުގެ އިތުރުން، ސިޔާސަތުތަކުގެ މައްޗަށް ތަފްޞީލްކޮށް ބައްލަވައިލެއްވިއެވެ.