news photo

ހިޖުރަކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަނީ

31 ޖެނުއަރީ 2025

ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަަލަން ސާވޭއެއް ކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ  ވުޒާރާގެ 5 އަހަރުގެ އެކްޝާން ޕްލޭން އިފްތިތާޙުކުރުމަށް ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުންނެވެ.  ވަޒީރު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމާ ދޭތެރޭ ވިސްނުން ހުރި ގޮތް ދެނެގަތުމުގެ ސާވޭއެއް ކުރިއަށް ގެންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އެކްޝަން ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް މި ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖިމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ވުޒާރާއަކީ މުޅި ރާއްޖެއަށް މިއަދުވެސް، ފެތުރިފައިވާ ވަަރަށް ބޮޑު ވުޒާރާއެއް ކަމަށް ވެސް އެ މަނިކުފާނު  ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި  ފާއިތުވެ ދިޔަ އަހަރު ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކައުންސިލްތަކާއެކު ރަނގަޅު ގުޅުމެއް މިއަދު ޤާއިމްކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.