24 ފެބްރުއަރީ 2024
މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ އަށް ޒިޔާރަތެއް ކުރައްވައިފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ދެއްވާ ކަންގަތި އެވޯޑްގެ ރަނަހަމާންތި ދަރަޖަ ވިދިވިދިގެން 3 ފަހަރު ބޮޑުފޮޅުދޫ ކައުންސިލުން ހާސިލްކުރުމުގެ ކާމިޔާބީ ފާހަގަކުރުމާއި، ރަށު ފެންވަރުގައި އިސްރަށްވެހިންނާއި ކްލަބް ޖަމިއްޔާތަކުގެ އަގު ވަޒަންކުރުމަށް ބާއްވާ 'އުންމީދީ 24' ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ކައުންސިލުން އެރުއްވި ދައުވަތު ޤަބޫލުފުޅުކުރައްވައި ކުރެއްވި މި ދަތުރުފުޅުގައި ވަޒީރު ވަނީ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށުގެ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކުގެ އަޕްޑޭޓްތައް އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ.
އަދި، މި ދަތުރުފުޅުގައި ބޮޑުފޮޅުދޫ ކައުންސިލް އާއި ބައްދަލުކުރައްވައި، ރަށްރަށުގައި ކުރިއަށްދާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކާ ގުޅިގެން ކައުންސިލްތަކަށް ބޭނުންވާ މަޢުލޫމާތު ހޯދައިދިނުމުގައި މިނިސްޓްރީއިން އެހީތެރިވާނެކަމާއި، އަބަދުވެސް ކައުންސިލްތައް ތަމްސީލްކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު އެރުއްވިއެވެ. އަދި، މިނިސްޓްރީއެއް އުފެދިގެން، ކެބިނެޓްގައި ކައުންސިލްތައް ތަމްސީލުކުރައްވާނެ ފަރާތެއް މިހާރު ހުރުމުގެ ސަބަބުން ފަސޭހަވެގެންގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކައުންސިލްގެ 'އުންމީދީ 24' ބައްދަލުވުމުގައި ވާހަފުޅުދައްކަވަމުން، މިނިސްޓްރީގެ ނަމުގައާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ބޮޑުފޮޅުދޫ ކައުންސިލް އަށް ވަޒީރު މަރުޙަބާ ދެންނެވިއެވެ. އަދި، މި ވުޒާރާއަކީ ރާއްޖޭގެ އެންމެހައި ރަށްރަށުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި، ކައުންސިލްތަކަށްވާ ކޮންމެ ދައްޗެއްގައި ކައުންސިލްތައް ތަމްސީލުކޮށް، ކައުންސިލްތަކުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި ފާލަން އަޅައިދޭނެ ފަރާތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ތަރައްޤީގެ އައު މަޝްރޫޢުތަކާއި، ކުރިން ފަށާފައިވާ މަޝްރޫޢުތައް ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމާއި، ނިމިގެންދިޔަ ސަރުކާރުގެތެރެއިން އުފެދިފައިވާ ދަރަނިތައް ހަމަޖެއްސުމުގައި ކުދިކުދި ދަތިތަކެއް ހުރިކަމުގައިވީނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ބަރާބަރަށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ވަޒީރު އެރުއްވިއެވެ. އަދި، ބޮޑުފޮޅުދޫގައޮ މަލްޓިޕާޕަޒް ހޯލަކާއި ހަތް ކްލާސްރޫމްގެ ސްކޫލްގެ ތަރައްޤީގެ މަޝްރޫޢު، އަދި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއި، ރަށުގައި ހޭންޑްބޯލް ކޯޓެއް ގާއިމު ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްޞީލު ރައްޔިތުންނަށް ދެއްވާފައިވެއެވެ.