news photo

ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަނީ

01 ފެބްރުއަރީ 2025

ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓް އެކުލަވައިލާ، ޢަމަލީ މަސައްކަތް ލަސްތަކެއްނުވެ ފަށާނެ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު މިހެން ވިދަޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓް ކުރެއްވުމުގެ އިތުރުން މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވުޒާރާގެ 5 އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވެސް ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް މި ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޙަވާލުކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ކުރެއްވެވި މި ޕޯސްޓްގައި ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތް ގޮތަށް،  އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ފައްޓަވައިފި ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައި ވެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް މިއަދު ވަނީ އިއުލާން ކުރައްވާފައެވެ. ތަރުޖަމާނު ހީނާ ވަލީދު މި ކަން ހާމަކުރެއްވީ ވެސް ކުރެއްވި ޕޯސްޓެއްގައެވެ.

ތަރުޖަމާނު ކުރެއްވެވި ޕޯސްޓްގައި ހާމަކުރައްވާފައިވާ ގޮތުގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމެވީ އެ ރަށު ރައްޔިތުން އެ ގޮތަށް އެދިލައްވާފައި ވާތީ ކަމަށް ވެސް  ހާމަކުރައްވާފައި ވެއެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބު ދައްކާ ގޮތުން ހިރިމަރަދޫގެ އާބާދީއަކީ 293 އެވެ. މިއީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަކީ، އެއްފަސްކުރުމުގެ  ސިޔާސަތުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ފޮޓޯ- ޕީއެސްއެމް