news photo

ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އިސްލާމީ ނޫރުން އަލިވެފައިވާ ހިތެއް: މެޑަމް ސާޖިދާ މުޙައްމަދު

02 ފެބްރުއަރީ 2025

ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އިސްލާމީ ނޫރުން އަލިވެފައިވާ ހިތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް އެކުލަވައިލާ "ހެޕިނަސް އިންޑެކްސް" އިފްތިތާޙުކުރުމަށް މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޙަފުލާ ޝަރަވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

މި ރަސްމިއްޔާތުގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި، އިންސާނާގެ ހިތަށް ޙަޤިޤީ ހަމަޖެހުމާއި، އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތްﷲ ހަނދުމަކުރުމުން ކަމަށާއި އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމަށް ވެސް ވިދާޅުވިއެވެ. 

މިއަދު ލޯންޗްކުރެވުނު ހެޕިނަސް އިންޑެކްސްގެ ރިސާޗް ޕާޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއެވެ. ބްރޯޑްކާސްޓިންގ ޕާޓްނަރަކީ ޕީއެސްއެމެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަންއެވެ. ޑިޖިޓަލް ޕާޓްނަރަކިީ ދިރާގެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ނައުޝަމް ވަޙީދެވެ. ޓެކްނިކަލް ޕާޓްނަރަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއެވެ. އިންޓަރނޭޝަނަލް ޕާޓްނަރަކީ ޔޫއެންއެފްޕީއޭއާއި، ޔުނިސެފެވެ. 

ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ވަޒީރު އާދަމް ޝަރީފު ޢުމަރު އިސްނަންގަވައިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރައްވަމުން އަންނަ މަސައްކަތެކެވެ.