02 ފެބްރުއަރީ 2025
ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަސައްކަތެއް ފެށުމަކީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް އެކުލަވައިލާ "ހެޕިނަސް އިންޑެކްސް" އިފްތިތާޙުކުރުމަށް މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޙަފުލާ ޝަރަވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
"ޢިލްމީ ގޮތުން ބަލައި އިރު، އިންސާނާއަށް އުފާވެރިކަން ލިބެނީ ހަމައެކަނި މާދަރީބަހުން. ވީމާ ޤައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި ތަރިކައާއި، ބަހާއި، ސަޤާފަތަށް އިޙްތިރާމްކޮށް އެ ވަޞީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރުން މުހިންމު" މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ހެޕނަސް އިންޑެކްސް އިފްތިތާޙުކުރުމަށް މިއަދު ހަވީރު ބޭއްވި މި ޙަފުލާގައި ހެޕިނަސް އިންޑެކްސްގެ ލަވައާއި ލޯގޯ ވެސް ވަނީ ލޯންޗްކޮށްފައެވެ. ހެޕިނަސް އިންޑެކްސް ލޯގޯ ލޯންޗްކޮށްދެއްވީ ޙަފުލާގެ ޝަރަފުވެރިމެހްމާން މެޑަމް ސާޖިދާ މުޙައްމަދެވެ. ހެޕިނަސް އިންޑެކްސްގެ ލަވަ ލޯންޗްކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.
މި ރަސްމިއްޔާތުގައި ހެޕިނަސް އިންޑެކްސްގެ އޮފިޝަލް ޕާޓްނަރުން އިޢުލާންކުރައްވާ އެ ފަރާތްތަކަށް އެ ކަމުގެ ލިޔުން ޙަވާލުކުރެއްވިއެވެ. އަދި ހެޕިނަސް އިންޑެކްސްއާ ގުޅޭ ގޮތުން 5 ގުރޫޕަކުން ގްރޫޕް ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވިއެވެ. އެ ގޮތުން އިސްރަށްވެހިންނާއި، ކިޔަވާކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި ޒުވާނުން ޕްރެޒެންޓޭޝަން ހުށަހެޅުއްވިއެވެ.
ދައުލަތުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ޙަފުލާގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި، އޮފިޝަލް ރިސާރޗް ޕާރޓްނަރ ޑޮކްޓަރ އާމިނަތު ޝާފިޔާ ވެސް ވާހަކަފުޅުދެއްކެވިއެވެ.